ޓްރޭޑްމާކްގެ ބިލްގެ ބަހުސް ފަށައިފި

ރާއްޖޭގައި ޓްރޭޑްމާކާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ނިޒާމެއް އެކަށައަޅައި އެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ޓްރޭޑްމާކްގެ ބިލްގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އެވެ.

މި ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓަރީކޮށްދިނުމާގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި ރާއްޖޭގައި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާކާއި ރަޖިސްޓަރީކޮށްފައިނުވާ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކަށާއި އޭގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތު ކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ.

ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި އެ މާކާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު ނިޝާނެއް އެ މާކް ނިސްބަތްވާ މުދަލާ ނުވަތަ ހިދުމަތާ ސީދާ އެއްގޮތް ނުވަތަ އެއްވައްތަރު މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި އެފަދައިން އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްގު ރަޖިސްޓަރީކޮށްފައިވާ މާކްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *