ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއު މި އަހަރު ފަހުކޮޅު ފަށަނީ

ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. މާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ.

މަގުތައް ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި މާފަރު ހިމެނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ.

"މި އަހަރުގެ ފަހުކޮޅަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތާވަލުކޮށްގެން މިއުޅެނީ މަސައްކަތް ފެށުމަށް. މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ފަހުކޮޅު ފެށިގެން ގޮސް މި އަންނަ އަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރަން މި އޮތީ ކަނޑައެޅިފަ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މާފަރުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވަނީ މާފަރު އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއާއި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމުގެ ޕްލޭން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *