އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

މުއުތަސިމް ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުން މުއުތަސިމް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މުއުތަސިމް އުފަންވެވަޑައިގެންނެވީ ފެބުރުއަރީ 9، 1965ގައި ވެރިރަށް މާލެގައެވެ. އެ މަނިކުފާނު ބެޗްލާސް އޮފް ލޯސް ހާސިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބަކިންހަމްގައި 1992 ވަނަ އަހަރު އެވެ. އަދި 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަސިޓީ އޮފް ގްލެސްގޯ އިން މާސްޓާ އޮފް ފިލޯސޮފީ ހާސިލްކުރައްވާފައިވެ އެވެ.

މުއުތަސިމް ވަނީ 1994 އިން 2001ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އޭގެފަހުން 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަން މިހާރުގެ ގޮތުންނަމަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އެމަނިކުފާނު 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރައްވާފައިވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.

މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ލޯ ކޮމިޝަނާއި ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ބޯޑްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމުގެ ނަން ފުރަތަމަ ފަހަރަށް ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ރައްޔިތުންގެ މަޖިލީހުން މުއުތަސިމުގެ ނަމަށް ރުހުން ދިނުމުން ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރުންގެ ބެންޗަށް މުއުތަސިމް އައްޔަންކުރެއްވީ އޮގްސްޓް 10، 2010 ގައެވެ. އެ ދުވަހުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން 2014 ވަނަ އަހަރު ވަކިކުރައްވަންދެން ފަނޑިޔާރު ކަމުގައި ހުންނެވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެވަނަ ފަހަރަށް އައްޔަންކުރައްވައި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މުއުތަސިމް އައްޔަންކުރެއްވުމަށް 2019 އަހަރު މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާކުރެއްވީ މުއުތަސިމް ކުރެއްވީ ޑިސެންބަރު 8، 2019 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *