ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިއުމާތުގެ މަގާމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.
ނިއުމާތުގެ މަގާމުގެ މުއްދަތު މިމަހުގެ 23 އަަށް ހަމަވާތީ ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފައްދައި، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގް އައްޔަންކުރެއްވީ ޖުލައި 23، 2020 ގަ އެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސްއަކީ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެ މަގާމަށް އައްޔަން ކުރާ މީހެއްގެ މުސާރައަކީ މަހަކު 35،000 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މޭ 2020 ގަ އެވެ.




