މުސާރަ ދޭ އުސޫލު ބަދަލެއް ނުކުރަން: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި އެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް އަދި ކުންފުނީގެ މަސައްކަތަށް ހުރަސްއަޅަން މަސައްކަތްކުރާ ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާ ވަގުތެއްގައި މުސާރައިގެ ވާހަކަ ދައްކަނީ މުވައްޒަފުންގެ ހިތްވަރު ކަނޑުވާލުމަށާއި ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި، ގަސްދުގައި ކަމަށްވެސް އެމްއޭސީއެލް އިން ތުހުމަތުކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އަދި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގެ ޔަގީންކަންވެސް ދީފަ އެވެ. މިހާރު އޮތް މުސާރައާއި އިނާޔަތުގެ އޮނިގަނޑުގެ ދަށުން މުސާރަ ދެމުންދާނެ ކަމަށްވެސް ބުންޏެވެ. ކުންފުނީގެ އެންމެ އަގުހުރި މުދަލަކީ މުވައްޒަފުން ކަމުގައި ސިފަކޮށް، މުވައްޒަފުންގެ މަސްލަހަތު ރައްކާތެރިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ވަނީ ގައުމީ އެއާޕޯޓަށް އަންނަ ބަދަލުތަކުގެ ދިގު ދަތުރުގައި، އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި ހިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *