އިމްޕޯޓް މުދާ އެތެރެކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓްތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓަށް އިތުރުކޮށްފި އެވެ.
މަރުކަޒީ ބޭންކް — އެމްއެމްއޭ އިން މިއަދު ބުނީ ބޭންކުތައް މެދުވެރިކޮށް މި ހަފްތާއިން ފެށިގެން މިބަދަލާ އެއްގޮތަށް ޑޮލަރު ދޫކުރާނެ ކަމަށެވެ. މިބަދަލާ އެކު ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 ޕަސެންޓަށް އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މަރުކަޒީ ބޭންކުން ވަނީ ބޭންކުތަކުން އެ ބޭންކަށް ވިއްކަންޖެހޭ ބޭރު ފައިސާވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މިދިޔަ ޖޫން މަހުން ފެށިގެން ބޮޑުކޮށްދީފަ އެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ދަނީ ވިއްކަމުންނެވެ.
އެމްއެމްއޭ އިން ބުނީ މިބަދަލުތަކާ އެކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖެހިގެންދާނެ ކަމަށެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޫކުރާ 30 ޕަސެންޓު ބޭނުންކުރަނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރަން ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެ އެވެ.
ބޭންކްތަކުން ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރު މިވަގުތު އުޅެނީ 30 ޕަސެންޓުގަ އެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ އެ އަދަދު 50 ޕަސެންޓަށް އިތުރު ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.




