ގައުމުތަކާ އޮންނަ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ކަމަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަމަޖެއްސެވުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުމަކަށް ރައްދު ދެއްވަމުންނެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭރުގެ ބޭފުޅުންނަށް ދައުވަތުދީގެން ހާއްސަ މެހުމާނުންގެ ގޮތުގައި ވަޑައިގެންނެވުމަކީ އާ ކަމެއް ނޫން ކަމަށެވެ.
އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ނުކުރާ ކަމެއް ނޫން ކަމަށާއި މިކަންކަން ކުރަނީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށް ދިނުމުގެ ގޮތުން ކަމަށް ޚަލީލް ވިދާޅުވި އެވެ.
"ނުކުރާންވީ ކަމަކީ އެފަދަ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރި ކަހަލަ ކަންކަމެވެ. އަދި މިނިވަން ކަމަށް ބުރޫ އަރާފަދަ ކަންކަމަށް ފުރުސަތު ނުދިނުމެވެ،" ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ މި ސަރުކާރުގެ ވެރިން އެކަން ކަށަވަރު ކޮށްދެމުންދާ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެށެނީ ދިވެހި ގައުމާއި ރައްޔިތުންގެ ފައިދާއަށް އިސްކަން ދިނުމާ ހިސާބުން ކަމަށެވެ.




