އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާދަމާ މާލޭގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ދުވުން ފަސްކޮށްފި އެވެ.
މި ދުވުން އެމްޑީޕީން ފުރަތަމަ ބާއްވަން ނިންމީ ހުޅުމާލޭގައެވެ. އެކަމަކު އެޗްޑީސީ އިން ހުއްދަ ނުދިން ކަމަށް ބުނެ ދުވުން މާލެއަށް ބަދަލުކުރީ އެވެ.
އެމްޑީޕީން މިއަދު ބުނީ މާދަމާ ބާއްވަން ކުރިން ނިންމާފައި އޮތް ދުވުން ކުރިއަށް އޮތް އޮގަސްޓް އެއްވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ވަށައިގެން އޮންނަ މަގުގައި ދުވުން ކުރިއަށް ގެންދަން އެޗްޑީސީ އިން ހުއްދަ ދީފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
މި ދުވުމަކީ އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވާ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ.
އެމްޑީޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައިވަނީ ޖޫން 26، 2005 ގައެވެ.




