އެސްޓީއޯއަށް ނިހާން ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލަ ހައްލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެސްޓީއޯއަށް ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބާރުގަދަ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނަވައިގެން ނިހާން ވަނީ ހާބަރު ފުޑްކޯޓެއް ފަސް އަހަރު ދުވަހަށް ކުއްޔަށް ނަގާފަ އެވެ. ނަމަވެސް އެސްޓީއޯއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ އެސްޓީއޯ އިން ވަނީ ކުލި ހޯދުމަށް ނިހާންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ސިވިލް ކޯޓުން ވަނީ އެސްޓީއޯއަށް ނިހާން ދައްކަންޖެހޭ 959،362 ދެއްކުމަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ހުކުމްކޮށްފަ އެވެ.

ދަށު ކޯޓުން ކުރި ހުކުމް ނިހާން ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ހައިކޯޓުގައި މައްސަލަ ނުނިމި އޮއްވާ ނިހާން އެދިގެން ކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.

ހައިކޯޓުން މައްސަލަ ބާތިލްކުރީ އެސްޓީއޯއާއި ނިހާންއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމަކަށް ހަދައި އެގޮތަށް އަމަލުކޮށްފައިވާތީ މައްސަލަ ބާތިލު ކުރި ގޮތުގެ ރިޕޯޓުގައިވެ އެވެ.

ހައިކޯޓުން މިމައްސަލަ މިމަހުގެ ތެރޭގައި ބާތިލްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *