ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ ޖުލައި 28ގައި

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ޔަގީންކޮށްދީފި އެވެ.

ލަންކާގެ ރައީސް މިމަހުގެ ތެރޭގައި ރާއްޖެއަށް ވަޑައިގަންނަވާކަން މީގެކުރިން ނޫސްތަކުގައި ރިޕޯޓް ކުރި އެވެ. ނަމަވެސް އޭރު ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއްް ނުބުނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް އަނުރަ މި މަހުގެ 28 އިން 30 އަށް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

ލަންކާގެ ރައީސްގެ މިދަތުރުފުޅަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް މުއްޒުއާއި، ސްރީލަންކާގެ ރައީސް އަނުރަ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގައެވެ.

މިއަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުހިއްމު ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *