4000 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އިމާރާތް ކުރި 4،000 ފްލެޓްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ނިންމުމަށްފަހު ދިވެހި ސަރުކާރާ ރަސްމީކޮށް ރަމްޒީ ތަޅުދަނޑި ހަވާލު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ރައީސް ސޯލިހްގެ ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާކޮށް މިދިޔަ އޭޕްރީލް މަހު އާ ލިސްޓެއް ނެރެފަ އެވެ. ނަމަވެސް އާ ލިސްޓަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް މިސަރުކާރުން މިހާރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފަ އެވެ.

އެފްޑީސީ ފްލެޓްތަކުގެ ހުލާސާއެއް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު — ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *