ސިފައިންނާއި ފުލުހުންނާ ގުޅޭ ކަންކަން ފުރިހަމަކޮށްދިނުމަށް އިސްކަންދެނީ އެހެން ބަޔަކަށް ބަރޯސާ ނުވެ ދިވެހިން އަމިއްލައަށް ދިވެހި ގައުމުގެ ކަންކަން ބަލަހައްޓަން ބޭނުންވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެހެން ބަޔަކު އައިސް ގައުމުގެ ކަންކަން ބެލެހެއްޓުމަކީ މިސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ސިފައިންނާއި ފުލުހުންގެ ކަންކަމަށް އިސްކަންދޭތީ ބައެއް މީހުން ސުވާލުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވާތީ ދިވެހިރާއްޖެއާއި ރައްޔިތުންގެ ހިމާޔަތަށްޓަކައި ސިފައިންނާއި ފުލުހުންގެ މަސައްކަތްތަކަށް ހޭދަކުރަންޖެހޭ ކަމަށެވެ.
"ސިފައިންނާއި ފުލުހުންނަށް ބޮޑު އަދަދެއް އިންވެސްޓުކުރަންޖެހެނީ ގައުމުގެ ކަންކަން އަމިއްލައަށް ބެލެހެއްޓުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިން އަމިއްލައަށް ދިވެހި ގައުމު ބެލެހެއްޓުމަކީ އެހެން ގައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުންނާއި އެހެން ގޮތް ގޮތުން ހޯދަން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިސްކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި އެކި ދުވަސްވަރު ޖިހާދު ކުރެއްވި އަބުތާލުން ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ އަގުވަޒަންކޮށް ޝުކުރުވެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައިވެސް ވިދާޅުވި އެވެ.




