ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ތައްޔާރުވެއްޖެ އެވެ.
ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތުއާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ދިވެހިންނަށް ލަންކާ ސަރުކާރުން މިހާރު ދެނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާ އެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ފީއެއް ދައްކައިގެން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްދެ އެވެ.
ލަންކާ އިން ދިވެހިންނަށް ވިސާގެ ލުއިތަކެއް ދޭން ނިންމާފައި މިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ލަންކާ ސަރުކާރުން ވިސާއަށް ގެންނަ ބަދަލުތައް ރަސްމީކޮށް އިއުލާން ކުރާނީ އަނޫރާގެ ދަތުރުގެ ތެރެއިން ކަމަށްވެސް ބައެެއް ރިޕޯޓްތައް ބުނެ އެވެ.
ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ގައުމުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން ހުއްޓާލާފަ އެވެ.




