އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު މޯދީ، އިދިކޮޅު އެމްޑީޕީއާ ބައްދަލުކުރެއްވީ އެހެން ޕާޓީތަކާ ވަކިންނެވެ. މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީއަށްފަހު މޯދީ ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި އެމްޑީއޭއާ އެވެ.
ބައްދަލުވުންތަކަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުމަށް ތާއީދު އޮތްކަން އަންގައިދޭ ކަމެއް ކަމަށެވެ. ގުޅުންތަކުގެ ސަބަބުން ދެ ގައުމުން ހިއްސާކުރާ އަސާސްތަކުން ބަދަހިކަން އިތުރުކޮށްދޭ ކަމަށްވެސް ވިދާޅުވި އެވެ.
މޯދީ މިއަދު ވަނީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާވެސް ބައްދަލުކުރައްވާފަ އެވެ.
މޯދީ އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ މިއަދު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވުމަށެވެ.




