އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިއްމު އެއް ތަނބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަމަށާއި އެ ތަނުގެ އާ ޕެސެންޖާ ޓާމިނަލް މިނިވަން ދުވަހަށް ހުޅުވަން ބޭނުންވީ އެ ސަބަބަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަން މުހިއްމު ކަމަށެވެ. ރާއްޖޭގެ މިނިވަން ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓު ކަމަށްވާތީ ކަމަށެވެ.
"އިރާދަކުރެއްވިޔާ މި މަސައްކަތް ގުޅިގެން ދާނީ ހާއްސަކޮށް ފަތުރުވެރިކަން އަދި ޖުމުލަކޮށް މުޅި އިގްތިސާދީ ކުރިއެރުމާ،" ރައީސް ވިދާޅުވި އެވެ.
އާ ޓާމިނަލް މިރޭ ހުޅުވީ އެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަނިކޮށެވެ. އެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވަނީ އެ މަސައްކަތުގެ އެކި މަރުހަލާތަކުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅު އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށްގެން ކުރާ މަސައްކަތުން ދާދި ފަސޭހަކަމާއެކު ވަށާޖެހޭ ތަރައްގީ ހާސިލްކުރެވޭނެ ކަމަށެވެ. އެހެންވެ އާ ޓަމިނަލް ހުޅުވުމާއި، ރާއްޖޭ މިނިވަން ދުވަސް އެކުގައި ފާހަގަކުރަމުންދާ ހާއްސަ ދަނޑިވަޅުގައި، ގައުމު އިސްކުރުމުގެ އަޒުމު ކަނޑައެޅުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ އެއް ބަހަކުން ވާހަކަދައްކައި އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސަބަށް ވުރެ ގައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ގައުމު ވާސިލްކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ.
"މި އާ ޓާމިނަލަކީވެސް ތަރައްގީއަށް ވާސިލްވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ހާސިލްކުރެވޭ ކާމިޔާބީގެ ރަމްޒެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް އާ ޓާމިނަލްގެ މަސައްކަތަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ހަތަރު ފަންޑަކުން ދީފައިވާ ކަމަށެވެ. އެއީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޯމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އެވެ. އެކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ފަންޑުތައް ނިސްބަތްވާ ގައުމުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން މަސައްކަތުގެ ދުވެލި ހަލުވިކޮށްދީ މަސައްކަތް ފުރިހަމަ ކުރުމުގައި ޖުމުލަކޮށް ބައިވެރިވި ހުރިހާ ފަރާތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ކާމިޔާބީ އަކީ ގިނަ ބަޔަކު އެކުގައި ކުރާ ބުރަ މަސައްކަތުން ހާސިލްކުރެވޭ ކަމެއް ކަމަށާއި، މިރޭ މި ފާހަގަކުރަނީ އެ ފަދަ ތާރީހީ ކާމިޔާބީއެއް ކަމުގައިވެސް ވިދާޅުވި އެވެ.




