ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.އ.އ.ވ) ލަގަބު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ލަގަބު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސާބިރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ތިން ބޭފުޅުންނަށް އިއްޒަތް އެރުވީ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ގައެވެ.
ލަގަބު ލިބިވަޑައިގެން ބޭފުޅުންގެ ތެރެއިން މުއުތަސިމް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ޝަރުއީ ދާއިރާގައެވެ. ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ފިނޭންސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފަ އެވެ. އަދި އަމިއްލަ ޚަރަދުގައި ތައުލީމީ ދާއިރާއާއި އިގްތިސާދީ ދާއިރާއަށް އަދި އިޖުތިމާއީ ދާއިރާއަށް ބޮޑެތި ހޭދަތައް ކުރައްވާފައިވެ އެވެ. ސާބިރު ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވަވާ އެ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސް ދެއްވާފަ އެވެ.
ހަސަން ސާބިރުގެ ތައާރަފެއް
ހަސަން ސާބިރު ފާހަގަވެގެންދަނީ ދިވެހި ގައުމުގެ އިގްތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތަކާއި، މިހާރުވެސް އެ ދާއިރާގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ.
ސާބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެންބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސާބިރު ފުރުއްވި އެވެ.
ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވާލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސާބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އޭނާ ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ.
ސާބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައިވެސް ސާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ސާބިރު ދިވެހި ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ.
އަހްމަދު މުއުތަސިމް އަދުނާންގެ ތައާރަފެއް
ޗީފް ޖަސްޓިސް ރިޓަޔާޑް އަހްމަދު މުއުތަސިމް އަދުނާނަކީ، ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ހާރިޖީ ދާއިރާގައި ގާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
މުއުތަސިމް އަދުނާނަކީ ހާރިޖިއްޔާގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާގައި ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކިއެކި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި ގާނޫނީގޮތުން ދޭންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ހާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަގްވާމީ އެކިއެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުން ހިމެނެ އެވެ. މުއުތަސިމަކީ ޝަރީއަތާއި ގާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އެ މަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ފަނޑިޔާރުގޭގެ އަދުލު އިންސާފުގެ ކަންކަން އިހަށްވުރެ ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފެށްޓެވި އެވެ. މީގެއިތުރުން ފަނޑިޔާރުގޭގެ ގިނަ ހިދުމަތްތަކަކަށް ޒަމާނީ ކުރިއެރުންތަކެއް އޭނާ ވަނީ ހޯއްދަވައި ދެއްވާފަ އެވެ. މުއުތަސިމަކީ ގާނޫނީ ހުކޫމަތު ނެގެހެއްޓެވުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މުއުތަސިމަކީ ފަނޑިޔާރުންގެ ގާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ.
އަހްމަދު މުއުތަސިމް އަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާ ކުރެއްވީ، ޖުލައި 21، 2025 ގައެވެ. ރިޓަޔާކުރެއްވިއިރު ހާރިޖީ ދާއިރާގައި 10 އަހަރު، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި 4 އަހަރާއި 6 މަސް ދުވަހު، ފަނޑިޔާރުކަމުގައި 9 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ހިދުމަތް ކުރައްވާފަ އެވެ. އަދި މިއާއެކުގައި ގާނޫނީ ދާއިރާއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވެއެވެ.
ގާސިމް އިބްރާހީމްގެ ތައާރަފެއް
ގާސިމް އިބްރާހީމް އަބަދުވެސް މަސައްކަތް ކުރައްވަނީ ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ވަޑައިގަތުމަށެވެ. އުމުރުން 26 އަހަރުގައި އަމިއްލަ ގޯތި، ބޭންކުގައި މޯގޭޖް ކުރައްވައި 15,000 ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅުފިހާރައިގެ ހުޅަނގު ބައިގައި 1976 ވަނަ އަހަރުގެ ތެރޭގައި ގާސިމްގެ ވިޔަފާރީގެ ބިންގާ އެޅުއްވި އެވެ.
ގާސިމް އިބްރާހީމަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިއަދު ގާސިމް އިބްރާހީމަކީ ރާއްޖޭގެ ރިޒޯޓް އޯނަރުންގެ ތެރެއިންވެސް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ގާސިމަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގައިވެސް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއަށް ސިާގމް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަކީވެސް ވަރަށް އަގުހުރި ހިދުމަތްތަކެކެވެ.
ގާސިމަކީ ދައުލަތުގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި ފިނޭންސް އެންޑް ޓްރެޒަރީ މިނިސްޓަރުކަން އަދި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އެ މަނިކުފާނު ހުންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައިވެސް މެއެވެ. މީގެއިތުރުން މަގާމުގެ ހައިސިއްޔަތުން ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ގަވަރުނަރު ކަމުގެ މަގާމުވެސް ގާސިމް އިބްރާހީމް ވަނީ ފުރުއްވާފަ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ގާސިމް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ އިސްލާޖީ އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށިއިރު ގާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފަކީ ހާއްސަ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ގާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމް އިންނަވައިގެންނެވެ.
ގާސިމް އިބްރާހީމަށް 2013 ވަނަ އަހަރު ދިވެހި ދައުލަތުން ވަނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.އި.) އަރުވާފަ އެވެ. ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ގައުމީ ހިދުމަތުގެ އިނާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހިމެނެ އެވެ.




