ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިއްމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކޮށްފި އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއި ކުރުން ކުރިއަށް ދިޔައީ ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރާ ޑިސަނާޔަކަ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރު ގައެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާއި ދެމެދު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޑިޕްލޮމެޓިކް ޓްރޭނިން އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް ގައެވެ.
މިއެއްބަސްވުމުގެ ދަށުން ދެ ގައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެ އެވެ.
މީގެ އިތުރުން ދެ ގައުމުގެ މެދުގައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާއެއްގައިވެސް ސޮއިކޮށްފައިވެ އެވެ.
ކެބިނެޓުން ފާސްކޮށްފައިވާ މިމުއާހަދާގެ ދަށުން ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދައުވާކުރުމާއި، ހެއްކާއި މައުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެ އެވެ.
މިއެއްބަސްވުމާއި މުއާހަދާއަކީ ޑިޕްލޮމަސީ އާއި ގާނޫނީ ދާއިރާތަކުގެ ޒަރީއާއިން ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމު ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރުގެ ވިސާ ލިބޭ ގޮތަށްވެސް ލަންކާ އިން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.




