ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރެވެ.
ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރާ ރަށްތަކަކީ ހއ. ވަށަފަރާއި، ހއ. ތުރާކުނާއި، ށ. ޅައިމަގާއި، ނ. މަގޫދޫއާއި، ފ. ބިލަތްދޫގެ އިތުރުން ފ. ދަރަނބޫދޫ އެވެ.
ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. ވަށަފަރުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު ތުރާކުނުގެ މަސައްކަތް ހަވާލުކުރީ 3.4 މިލިއަން ރުފިޔާ އަށެވެ.
ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާ އަށެވެ.
މަގޫދޫ، ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
މަގޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު ބިލަތްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.3 މިލިއަން ރުފިޔާ އަށެވެ. އަދި ދަރަނބޫދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާ އަށެވެ.




