ޖަމީލް، ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އެވެ.

މިރަސްމިއްޔާތުގައި ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ހަމީދާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ޖޭއެސްސީގެ ބައެއް މެންބަރންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދުވާތީ ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 17 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީ އިން އެ މަގާމަށް ހޮވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އުޅުއްވި މުހައްމަދު ޝަހީދު އެވެ. ނަމަވެސް ޝަހީދު މިއަދު ވަނީ އޭނާގެ ނަން އަނބުރާ ނަގާފަ އެވެ. އެހެންވެ އޭނާއަށް ފަނޑިޔާރު ކަމުގެ ފަތްކޮޅު މިރޭ ދެއްވާފައެއް ނުވެ އެވެ.

އަބްދުﷲ ޖަމީލް މޫސާގެ ތައާރަފް
އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރިން ހިދުމަތް ކުރައްވާފައިވާއިރު، ސެޕްޓެމްބަރު 23، 2003 އިން ޖެނުއަރީ 31، 2009 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި ފެބްރުއަރީ 01، 2009 އިން ފެބްރުއަރީ 21، 2019 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމު އަދާކުރައްވާފައިވެ އެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *