ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފި އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު އަވަހާރަވީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.
ހަސަން ސޯބިރު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި 15 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސޯބިރުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.
"އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި އެ މަރްހޫމުގެ އާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ހަސަން ސޯބިރު އަވަހާރަވީ ޖުލައި 28 ވަނަ ދުވަހު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. ސޯބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އެރުވީ ޖުލައި 27 ވަނަ ދުވަހު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.




