ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.
މި އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ ނުކުރެވޭނެ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.
އެ ގޮތުން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުުން ހިމެނެ އެވެ.
މީގެ އިތުރުން ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުންވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.




