އުއްތަމަ ފަނޑިޔާރުކަމަށް ޣަނީއަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ފެންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައެވެ. އަދި މިމައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ފޮނުއްވީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވީވެސް މިއަދު އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޣަނީއާ އެކު ތިން ބޭފުޅުން ކުރިމަތިލެއްވި އެވެ. އެއީ ޣަނީގެ އިތުރުން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެވެ.

މި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީ އިން ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް މަޝްވަރާ ދެއްވާފަ އެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ. އޭގެފަހުން 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. އަދި 2018 އިން ފެށިގެން ޑިސެމްބަރު 2019 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ޣަނީ އައްޔަން ކުރެއްވީ މިދިޔަ އަހަރު އެވެ. އެ ޓްރައިބިއުނަލްގެ ރައީސް އަކީ ވެސް ޣަނީ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *