ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓްގައި ފިޔަވަޅުތަކެއް އަޅަން އަންގާފައިވާތީ އެކަންކަން ކުރި މިންވަރެއް ބެލުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މިމައްސަލައިގައި މިނިސްޓަރު އިހްސާން މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހްމާލުތަކެއް ހުރި ކަމަށާއި ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން އަންގާފައިވެ އެވެ. އެހެންވެ ކުޑޫގެ ސުވާލުގައި ވަނީ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިނގަމުންދޭތޯ އާއި އަދި އެ ތަހުގީގުތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ބެލުމަށް ސުވާލު ކުރައްވާފަ އެވެ.
ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ. އެގޮތުން ކޮމިޝަންގައި އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.
އެކަމަކު އެ ކޮމިޝަނަށް މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ބަދަލުތަކެއް ގެންނަވާފައިވެ އެވެ. އެ ބަދަލު ގެންނެވީ ކޮމިޝަންގެ މެންބަރު ކަމުން ޑރ. ހަބީބް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމިޝަނަށް ފަހުން ބަދަލު ގެންނެވިއިރު ޑރ. މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާ އެކު އިތުރު ތިން ބޭފުޅުން ހިމެނުއްވި އެވެ.
ކޮމިޝަންގައި އެންމެ ފަހުން ތިއްބެވި ބޭފުޅުން
ޑރ. މުހައްމަދު މުނައްވަރު – ގ. ހަސަންކާރިގެ
ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު – ވ. އަލްމާން
ޑރ. މޫސާ މުރާދު – ދަފްތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު – ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް – ހ. ހަބަރުގެ
ބޮޑެތި ބާރުތަކެއް ދީފައި އޮތް ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވީ ޑރ. މުނައްވަރެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކޮށް، ކޮމިޝަންގެ ރިޕޯޓް ރައީސް އަށް ފޮނުއްވުމުން އެ ކޮމިޝަން އުވާލެއްވީ މިދިޔަ ޖުލައި 13 ވަނަ ދުވަހު އެވެ. ކޮމިޝަންގެ ރިޕޯޓްގައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.




