2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދައިފި

ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް އެމްއެމްއޭ އިން ފަށާފައިވާ އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ)ގެ ދަށުން 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.

އެމްއެމްއޭ އިން މިދިޔަ ޖުލައި 23 ވަނަ ދުވަހު ފެށި އޯއެމްއޯގެ ރިވާސް ރީޕަޗޭސް ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގައި ދައުރުވާ 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ.

އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައިވާތީ އެމްއެމްއޭގެ އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުމެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ކުރިން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ފަސް ހަ ބިލިއަން ރުފިޔާ މަޑުމަޑުން އަނބުރާ އެމްއެމްއޭއަށް ވައްދަން ފެށުމުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެކަމަކު މި އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދުގައި ދައުރުވާން ނުޖެހޭ ދިވެހި ފައިސާގެ ނޫޓުތަކެއް ދައުރުވާތީ އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ވެއްދުމަށް ކުރާ މަސައްކަތަކަށްވުމުން މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދަށް ފަހުން ނަމަވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވެ ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ފައިސާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެކި ފަހަރު މަތިން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައި އިގްތިސާދަށް ދޫކޮށްލި އެވެ.

އެމްޑީޕީ ސަރުކާރުން އޭރު ފައިސާ ޗާޕް ކުރުމުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭރު އިދިކޮޅުގައި ތިބި އެކަމަކު މިއަދު ސަރުކާރު ހިންގާ ޕާޓީ — ޕީއެންސީ އިން ބުންޏެވެ. ނަމަވެސް އޭރު ފައިސާ ޗާޕް ކުރަންޖެހުނީ ސަރުކާރަށް ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ނެތުމުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *