ޒަކާތު ފަންޑުން ދިނުމަށް ނިންމާފައިވާ ސްކޮލަޝިޕްތައް އަންނަ ހޮނިހިރު ދުވަހު ހަވާލުކުރުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޒަކާތު ފަންޑުން ދިނުމަށް ނިންމާފައިވާ ސްކޮލާޝިޕްތައް އަންނަ ހޮނިހިރު ދުވަހު ހަވާލުކުރާނެ ކަމަށެވެ.
ޒަކާތު ފަންޑުން ސްކޮލާޝިޕް އަލުން ދޭން މިފަށަނީ މެދުކެނޑިފައި އޮންނާތާ ހަތް އަހަރު ފަހުންނެވެ.
ޝަހީމް ވިދާޅުވީ މިފަހަރު ސްކޮލާޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ކަމަށެވެ. އަދި މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދޭ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ޒަކާތު ފަންޑުން މާލީ އެހީ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މާޗް، 6، 2012 ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެެވެ.
ޒަކާތު ފަންޑަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ނިޔަލަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުއިރު އެކި ކަންކަމަށް 30.07 މިލިއަން ރުފިޔާ އެ މުއްދަތުގައި ހަރަދުކޮށްފައިވެ އެވެ.




