ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން ހުރަސްއެޅުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
"ބޭނުންވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު ބަޔާންކޮށްދެއްވާފަ އެވެ.
ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ ސަރުކާރުން ހުށަހަޅއިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިޞްލާޙުތަކުގައިވެސް ވަނީ އެކަންކަން ބަޔާންކޮށްފައި ކަމުގައި ވިދާޅުވި އެވެ. ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލްތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާއި ކަން އެގޮތުގައި ހިނގަމުންދާނަމަ ވައުދުތައް ފުއްދުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިއްމު ވަގުތުކޮޅެއް ކަމަށާއި ހިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ ޕްރޮފެޝަނަލް، ގުޑްގަވާނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމު ހަރުދަނާކުރުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރުން އިސްކުރާނީ ރައްޔިތުން ކަމުގައި ވިދާޅުވެ ރައީސް ވަނީ ބ. ދަރަވަންދޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންދާ އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމާނެ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ބ. އަތޮޅު މަދަރުސާގެ 8 ކުލާސްރޫމާއި، އޮފީހާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިރޭ ސޮއި ކުރި އެވެ. މިމަޝްރޫއު ނިމި، އޭގެ ފައިދާ ވާން ފެށުމުން މިމަޝްރޫއު ވެގެންދާނީ ރަށުގެ ތައުލީމީ ހަޔާތް އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ދަރަވަންދޫގެ ސިއްހީ ދާއިރާއަށްވެސް ތަރައްގީގެ މުހިއްމު ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. އަދި ރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި ހިނެނޭ މަގު ހެދުމާއި، ބަނދަރު ތަރައްގީކުރުމުގެ ކަންކަންވެސް ކުރިއަށްދާނެ ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވި އެވެ.
ދަރަވަންދޫގައި އޮތް އެއާޕޯޓަކީ އެންމެ ކާމިޔާބު ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓް ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ނަމަވެސް އެއާޕޯޓްގެ ތަރައްގީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމުގައި ވިދާޅުވި އެވެ. އެހެންވެ ރައީސް ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސާވިސަސްއާ ހަވާލުކޮށްގެން، އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަކީ، ސިޔާސީ ޚިޔާލުތަފާތުވުން ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގައި ގަބޫލުކޮށް، ޕްރޮފެޝަނަލް ގޮތުގައި ޒިންމްދާރުކަމާއެކު ފުރިހަމައަށް އެއްބާރުލުން ދިނުންކަމުގައި ކައުންސިލްތަކަށް ހަނދާންކޮށްދެއްވާފަ އެވެ.




