ޔަހޫދީން އާބާދުކުރުން ކުށްވެރިކުރައްވައިފި

އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގައި ޔަހޫދީން އާބާދުކުރުމަށް އިޒުރޭލުން އިއުލާންކުރި އެޖެންޑާއަށް ދިވެހިރާއްޖެއިން އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

ރައީސްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒުރޭލުން އިއުލާންކުރި "ވިޒަން އޮފް ގްރޭޓަ އިޒްރޭލް"ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

‎ރައީސްގެ ޕޯސްޓުގައި މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

‎ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އަދި ފަލަސްތީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްހައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *