ތުރުކީގެ މަނަވަރު ދިވެހި ސިފައިންނާ ރަސްމީކޮށް ހަވާލުކޮށްފި

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ދިވެހި ސިފައިންނާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މަނަވަރު ދިވެހި ސިފައިންނާ ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް އެވެ. ދިވެހި ސިފައިންގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ހިދުމަތް ފެށުމުގެ ލިޔުމާއި ރާއްޖޭގެ ގައުމީ ދިދަ ހަވާލުކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވާއިރު ރައީސް ވަނީ މަނަވަރު ބައްލަވާލައްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *