ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެއިން 3-0 އިން މެޗު ކާމިޔާބުކޮށް ސްރީލަންކާ ލަދުގަންނަވާލައިފި އެވެ.
ލަންކާގެ ވެރިރަށް، ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. ރާއްޖޭގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ޖަހައިދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
ދެވަނަ ހާފަށް ލަންކާ ނިކުތީ ގޯލެއް ޖެހުމުގެ އަޒުމުގައި ކަމަށްވީ ނަމަވެސް ދެވަނަ ހާފްގައި ލަންކާއަށް ލިބުނު ޕެނަލްޓީ ވެސް ޖެހީ ބޭރަށެވެ.
ރާއްޖޭގެ ތިންވަނަ ގޯލު ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖެއަަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގައި ލަންކާއާއެކު ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މެޗު ވެސް ކުޅޭނީ ލަންކާގަ އެވެ.
ރާއްޖެ މިއަދު ކުޅުނު މެޗަކީ ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.




