ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް އެޑްވައިސަރީ ކުންފުނި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑް "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް" (ދިނަފް) އިފްތިތާހުކުރަން ތައްޔާރުވެއްޖެ އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އިންވެސްޓްމަންޓް އެޑްވައިސާ ލައިސެންސް ލިބިފައިވާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން ހިންގާ މެނޭޖް ކުރާ، މި ފަންޑަކީ ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ.
މި ފަންޑް އިފްތިތާހުކުރުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ބާސެލޯ ނަސަންދުރާގައި މާދަމާ ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ.
މި އިވެންޓަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކަކަށް ދައުވަތު ދީގެން ބާއްވާ ހާއްސަ އިވެންޓެއްގައެވެ.
ކޮލިފައިޑް އިންވެސްޓާގެ ގޮތުގައި ޝަރުތު ހަމަވާ އާންމު ފަރާތްތަކާއި އިންސްޓިޓިއުޝަންތަކަށް މި ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މިވަގުތަށް ހުޅުވައިލަނީ 6 މަހާއި 3 އަހަރާއި ދެމެދުގެ ޝޯޓް ޑިއުރޭޝަން އިންވެސްޓްމަންޓް ފުރުސަތުތަކަށް ކަމަށް ޑީއައިޕީ އިން މަޢުލޫމާތުދެ އެވެ.
މިފުރުސަތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކާ އަޅާބަލާއިރު ވަރަށް ރަނގަޅު ރިޓާނެއެއް ލިބޭއިރު، އިންވެސްޓްކުރާ ފަރާތްތަކުގެ އިތުރަށް މި ފަންޑުން ކުރާ އިންވެސްޓްމަންޓްތަކާއެކު އިގުތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޝޯޓް-ޑިއުރޭޝަން، އިންވެސްޓްމަންޓް ޕްލެޓްފޯމްގެ ގޮތުގައި، ދިނަފް ތައާރަފުކުރުމާއެކު ފުޅާވަމުންދާ ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން ވަނީ ބުނެފަ އެވެ.




