ސަޕޯޓަރުންގެ އަޑު އިވުމަކީ ލިބޭނެ ބޮޑު ހިތްވަރެއް: މޯހަން

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުންގެ އަޑު ކުޅުންތެރިންނަށް އިވިއްޖެނަމަ އެއީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް މޯހަން ބުނީ ދިވެހި ފުޓްބޯޅަ ދެކެ ލޯބިވާ މީހުންގެ ތަރުހީބާއި ހިތްވަރު ކުޅުންތެރިންނަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.

ގްރޫޕުގެ އެންމެ ފުލުގައި އޮތް ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުންވެސް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މީގެކުރިން މިދިޔަ ބުރާސްފަތި ދުވަހު ދުޝަންބޭގައި ތާޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ 2-0ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ނަމަވެސް މޯހަން ހުރީ އުއްމީދަކަށް ބަދަލެއް ނާދެ އެވެ.

ތާޖިކިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށް ކޯޗު މޯހަން އެއްބަސްވި އެވެ. އެގޮތުން ކުރީގެ ދިވެހި ކޯޗު ޕީޓާ ޝެގާޓުގެ ބެލުމުގެ ދަށުން އެ ޓީމު އެންމެ ފަހުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށްވެސް ދަތުރުކުރިކަން ކޯޗު ފާހަގަކުރި އެވެ.

މޯހަން ބުނީ ދިވެހި ޓީމުގެ ކުޅުމުގެ ވައްޓަފާޅި ކަނޑައަޅާނީ ކުޅޭ ޓީމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެ ގަދަ ޓީމެއް ވިއްޔާ އަޅުގަނޑުމެން ޑިފެންސިވް ވާންޖެހޭ. އަޅުގަނޑުމެންނާ އެއް ފެންވަރެއްގެ ޓީމެއް ވެއްޖެނަމަ، އެޓޭކިން ގޭމަކަށް ބަދަލުކުރަން ޖެހޭނެ. ސްޓައިލްއާ، މިހުރިހާ އެއްޗެއްވެސް ބަދަލުވެގެންދާނެ،" މޯހަން ބުންޏެވެ.

ތާޖިކިސްތާނާ ދެކޮޅަށް ރާއްޖެ އަމިއްލަ ގައުމުގައި އެންމެ ފަހުން ކުޅުނީ 2011 ވަނަ އަހަރު އެވެ. އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި ކުޅުނު އެ މެޗު ނިމުނީ އެއްވެސް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އޭގެ ފަހުން ދިވެހި ފުޓުބޯޅަ ފަހަތަށް ޖެހިފައިވާއިރު ތާޖިކިސްތާނުގެ ފުޓުބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *