ކުރިއަށް ރޯދަ މަހު ވެސް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް ނިންމައިފި އެވެ.
އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ ފެބްރުއަރީ މަހު އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރޯދަ މަސް ފެށެން ކައިރިވަމުންދާތީ ރޯދަ ހަދިޔާ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ދިނުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުން މިހާރު އަންނަނީ ގޭބިސީތަކުގެ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް ދިނީ މިފްކޯގެ ތެޔޮމަސް ދަޅު ކޭހެވެ. އެއީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ 100 ގްރާމްގެ މަސްދަޅު ކޭހެވެ.
މިކަމަށް ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.




