"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2″ ގެ ނަމުގައި ބާޒާރު މަތީގައި އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.
މާލޭ ނޯޓު ހާބަރު ގޭޓް ސަރަހައްދުގައި ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުރި ތަނުގައި ހުޅުވި މި ފިހާރައިގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަކަމާއިއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ފިހާރަ ހުޅުވިގެން ދިއުމާއެކު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށާއި އެގޮތުން މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް
ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ:
ހެނދުނު: 08:30 – މެންދުރު: 12:00 އަށް
މެންދުރުފަހު: 1:00 – ހަވީރު: 5:00 އަށް
މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަން ލިބި މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އާ ހިތްވަރެއް ލިބިގެންދާނެކަން އެސްޓީއޯ އިން ފާހަގަކުރެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ.
އެގޮތުން ގްރޭޓާ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އެސްޓީއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރެ ވަނީ ވިއްކަން ފަށާފަ އެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމް ކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.




