ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އާ "ލިމިޓްލެސް ބޫސްޓާސް" ތައާރަފުކޮށްފި އެވެ.
މިއީ ކަސްޓަމަރުންނަށް ހަލުއި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
އެ ގޮތުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާ ގޮތަށް ހިޔާރުކުރެވޭ އެއް ދުވަހުގެ މުއްދަތުން ފެށިގެން 15 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭ މި ބޫސްޓާތަކުގެ ފަސް ވައްތަރެއް ވަނީ ތައާރަފްކޮށްފަ އެވެ.
މި ބޫސްޓާތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް، މައިއެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސްއެމްއެސް ޝޯޓް ކޯޑް 343އަށް އެސްއެމްއެސްކޮށްގެން އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ލިމިޓްލެސް ބޫސްޓަރތަކުގެ އެހީގައި ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަލުއި ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން މުޅިން އަލަށް މާކެޓަށް ތައާރަފުކޮށްފައިވާ މި ހިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެކެވެ.
ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބަގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.




