ހަރަދުތައް ހަމަޖެއްސުމަށް 1.6 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 380 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ މާޗް ނުވަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 418.4 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ޖޫން އެއްވަނަ ދުވަހަށް އަނބުރާ ދައްކަންޖެހޭ 75 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 793.9 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.




