ތެޔޮ ވިއްކާ އަގު ހެޔޮކޮށް، މަސްގަންނަ އަގު ބޮޑުކުރަނީ

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރުމަށާއި މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސް ގަންނަ އަގަކީ 16 ރުފިޔާއަށް ކުޑަ ނޫން އަގެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމުމާ ގުޅިގެން މިފްކޯއިން ދެން މަސް ގަންނާނީ ދޮޅު ކިލޯއިން މަތީގެ މަސް އެ އަގުގައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން. އާދެ އެންމެ މަތީ ރޭޓޭ މި ދެންނެވީ 16 ރުފިޔާއޭ މިހާރު މި ގަންނަ ގަތުން. އަދި އެވެސް ވަރަށް މުހިއްމު ބަދަލެއް މި ގެންނަނީ. އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރުމުން މިފްކޯއިން އެ ވަގުތަކު ކަނޑައަޅާ މަތީ އަގެއްގައި މަސް ގަންނަމުން ގެންދާނެ ކަމަށާއި އެންމެ ދަށްކޮށް ގަންނާނެ އަގަކީ 16 ރުފިޔާ ކަމަށެވެ.

މީގެއިތުރުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުވެސް ހެޔޮވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެވަރެޖުކޮށް ތެލުުގެ އަގުން 51 ލާރި ހެޔޮވާނެ ކަމަށާއި އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވަރެޖުކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހިތްހަމަޖެހޭ ބަދަލުތަކެއް ގެނެސްދޭން ސަރުކާރުން ނިންމާފައި މިވަނީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން އިހްތިޖާޖު ކުރަމުންދާ ވަގުތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *