ސެންޓްރަލް ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފައްދާ "ޕޭމަންޓް މޯލްޑިވްސް" އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި އެވެ.
ޕޭމަންޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަ ތަރައްގީކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ އީޖާދީ ޕޭމަންޓް ހިދުމަތެކެވެ.
އެމްއެމްއޭގެ އިއުލާނެއްގައި ވަނީ ސީއީއޯ މަގާމަށް ކުރިމަތިލާ މީހުން ފައިނޭންސް، އިކޮނޮމިކްސް، އައިޓީ، ގާނޫނީ ދާއިރާ، ޕަބްލިކް ޕޮލިސީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ކޮންމެވެސް އެއް ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ޑިގްރީއެއް ހާސިލުކޮށްފައިވާންޖެހޭ ކަމަށް ކަނޑައަޅާފަ އެވެ.
އިއުލާންގައިވާ ގޮތުން ޕޭމަންޓްސް، ފިންޓެކް، ބޭންކިން ނުވަތަ ރެގިއުލޭޓެޑް ފައިނޭންޝަލް ސާވިސްއެއްގެ ތެރެއިން ސީނިއާ ރޯލްތަކުގައި މަދުވެގެން 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާވެސް އެ މަގާމަށް ކުރިމަތިލާ ބޭފުޅަކު ހުންނަންޖެހެ އެވެ. އަދި މަދުވެގެން ފަހެއް ނުވަތަ ހަތް ވަރަަކަށް އަހަރު ވަންދެން ކުންފުންޏެއްގެ މަތީ ފަންތީގެ މަގާމެއް އަދާކޮށްފައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަގާމަށް މުސާރަ ކަނޑައަޅާނީ ކެންޑިޑޭޓުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.




