އިޒްރޭލުން ފަލަސްތީންގެ ޣައްޒާއިން ދެ މީހަކު ޝަހީދުކޮށްލައިފި އެވެ.
ދުނިޔޭގެ ސަމާލުކަން މިވަގުތު އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހުއްޓިފައިވީ ނަމަވެސް، އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތައް ދަނީ މެދުކެނޑުމެއްނެތި ހިންގަމުންނެވެ.
ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ޣައްޒާ ސިޓީގެ ޔަރްމޫކް ސްޓޭޑިއަމް ކައިރީގައި ތިބި އާންމުންގެ ބަޔަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
މީގެ އިތުރުން، ޚާން ޔޫނިސްގެ ދެކުނުގައި އޮންނަ ލެމަން ޓްރީ ސަރަހައްދު ކައިރިން އިޒްރޭލު ސިފައިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަލަސްތީނުގެ ޒުވާނަކަށް ބަޑިން ހަމަލާދީ ޝަހީދުކޮށްލާފަ އެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 72,292 އަށް އަރާފައެވެ.




