ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ސެއިންޓް ޕީޓަސްބާގުގައި ހުންނަ ޖަރުމަންގެ ކޮންސިއުލޭޓް ބަންދުކުރުމަށް ރަޝިޔާ ސަރުކާރުން އަންގައިފި އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ އެންގުމުގައިވާ ގޮތުން ޖަރުމަންގެ ކޮންސިއުލޭޓް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށް އެ ތަނުގައި ތިބި ހުރިހާ މުވައްޒަފުންވެސް އެ ތާރީހުގެ ކުރިން ރަޝިޔާ އިން ފުރަންޖެހޭނެއެވެ.
ރަޝިޔާ އިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ޖަރުމަންގައި ހުންނަ ރަޝިޔާގެ ޑިޕްލޮމެޓިކް ދެ އޮފީހެއް ބަންދުކުރުމަށް ޖަރުމަން ސަރުކާރުން އެންގުމާ ގުޅިގެން ރައްދުގައި ކުރި ކަމެއްގެ ގޮތުގައެވެ.
ޖަރުމަންގައި ހުރި ރަޝިޔާގެ ދެ އޮފީހެއް ބަންދުކުރަން ޖަރުމަނުން އެންގީ އެ ގައުމުގެ އެއާޕޯޓަކަށް ދޭން އުޅުނު ޑްރޯން ހަމަލާއެއްގެ ފަހަތުގައި ރަޝިޔާ އޮތް ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ގައުމުގެ ގުޅުން ކުއްލިއަކަށް ގޯސްވުމުގެ ފުރިހަމަ ޒިންމާ ޖަރުމަނުން ނަގަންޖެހޭނެ ކަމަށެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވަނީ ޖަރުމަނުގެ ތުހުމަތުތަކަކީ ހަގީގީ ހަނގުރާމައެއްގެ ފެށުން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޔުކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ކުރަމުންދާއިރު ޖަރުމަނަކީ ޔުކްރޭނަށް މާލީ އަދި އަސްކަރީ އެހީތައް އެންމެ ބޮޑަށް ފޯރުކޮށްދޭ އެއް ގައުމެވެ.




