ޕީއެންސީގެ މަތީ މަޖިލީހުގެ މަގާމުތަކަށް 124 ކެންޑިޑޭޓުން ކުރިމަތިލައިފި އެވެ.
ޕީއެންސީން ވަނީ މި މަހުގެ 15 އިން 18 އަށް ބާއްވާ އެ ޕާޓީގެ މަތީ މަޖިލީހުގައި އިންތިހާބު ކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމުތަކަށް ކުރިމަތިލި މެންބަރުންގެ ނަންތައް ތަރުތީބުކޮށް އާންމުކޮށްފަ އެވެ.
ޕީއެންސީގެ ނައިބުރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބުކުރާއިރު އެ މަގާމަށް އަށް ބޭފުޅުން ކުރިމަތިލާފައިވެ އެވެ.
ޕީއެންސީގެ ނައިބުރައީސްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން
- ޑރ. އަބްދުﷲ ރާފިއު (ޔޫތު މިނިސްޓަރު)
- މުހައްމަދު ހުސެއިން ޝަރީފު (މުންދު) (ރައީސް އޮފީހުގެ ތަރުޖަމާނު)
- އަސްމާ ރަޝީދު (ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު)
- ފާތިމަތު ސައުދާ (ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު)
- އިބްރާހިމް ޝުޖާއު (ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު)
- އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)
- މުހައްމަދު ނިމާލް (އެލްޖީއޭގެ ސީއީއޯ)
- މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)
މީގެ އިތުރުން ޕާޓީގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ 10 އަންހެން މެންބަރުންގެ މަގާމަށް 22 ބޭފުޅުން ކުރިމަތިލާފައިވާއިރު ޒުވާނުން ތަމްސީލުކުރާ ހަތް މެންބަރުންގެ މަގާމަށް 13 ބޭފުޅުން އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ވާދަކުރެއެވެ.
މި އިންތިޚާބުގައި އަށް މަގާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށް އެއް ކެންޑިޑޭޓެެވެ.
މި މަގާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކުން ނަން އަނބުރާ ގެންދަން ބޭނުންވާނަމަ މި މަހުގެ 15ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޕީއެންސީން ވަަނީ ބުނެފަ އެވެ.




