ގޯސްތަކުގެ ޒިންމާ ސުޕްރީމް ކޯޓުން ނަގަންޖެހޭނެ: ޖަމީލް

ރާއްޖޭގައި މިހާރު ހިނގަމުންދާ ގޯސްތަކުގެ ޒިންމާ ސުޕްރީމް ކޯޓުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ — ޕީއެންއެފް އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ސިގްނަލް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޮތް ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ގައުމުގައި މިހާރު ހުރި މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކެކެވެ.

ޖަމީލްގެ ފާޑުކިޔުން ސުޕްރީމް ކޯޓަށް އެންމެ ބޮޑަށް އަމާޒުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި ސުޕްރީމް ކޯޓު ހިމެނޭހެން ޝަރުއީ ދާއިރާއިން ނިންމި ނިންމުންތަކާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ އަސާސްތަކާ ހިލާފަށް ކަމަށް ޖަމީލް ވިދާޅުވި އެވެ. ވޮޑެމުލާ މައްސަލައިގައި ސުޕްރީމު ކޯޓުން އިއްވި ނިހާއީ ހުކުމާއެކު ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި އިތުރަށް ދެން ދައުވާ ނުކުރެވޭނެ ކަމަށް ސަރީޙަ އިބާރާތުން ހުކުމުގައި އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންކަމުން ޔާމީންގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވަނި ގާނޫނުއަސާސީގެ 60 މާއްދާއާ ޚިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން މުޅި ޝަރުއީ ނިޒާމު ލަދު ގަންނަން ޖެހޭ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. ފަނޑިޔާރުގޭގެ އިމްތިހާނުގެ ވަގުތު ޖެހުނުއިރު ޝަރުއީ ދާއިރާ "ދީއްލާލީ" ސަރުކާރު ބޭނުންވާ ގޮތަށް ކަމަށްވެސް ޖަމީލް ތުހުމަތުކުރެއްވި އެވެ.

"އެހާ ހިސާބުން ރައްޔިތުން ޖުޑިޝަރީއަށް ކުރި އިތުބާރު ފޭދިގެން ގޮސްފި،" ޖަމީލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގައުމާ ހަވާލުވެ ހިތުހުރި ގޮތަކަށް ވެރިކަން ކުރައްވަމުން ގެންދަވަނީ ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑެސީއާ މެދު ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *