ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމާއި ގުޅިގެން ހާލަތު މޮނީޓާކުރަމުންދާ ކަމަށެވެ.
މިގޮތުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށާއި މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން، ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވަނީ އެލާޓް ނެރެފަ އެވެ.




