އދ. ގެ ސަލާމަތީ މަޖިލީހަށް އީރާން ރިޕޯޓްކުރުމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ޕްރެޝަރުކުރަން ފަށައިފި އެވެ.
މިކަމަށް ޕްރެޝަރުކުރާ ގައުމުތަކުގެ ތެރޭގައި ފްރާންސާއި ޖަރުމަނާއި އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ ހޯމަ ދުވަހު އެ އިދާރާގެ ބޯޑު އޮފް ގަވަރުނަރުންނަށް ވިދާޅުވީ ނިއުކްލިއާ މެޓީރިއަލް ނުވަތަ ފެސިލިޓީތަކުގެ ހާލަތާބެހޭ އެއްވެސް މައުލޫމާތެއް ރިޕޯޓްކުރަންޖެހޭ މުއްދަތުގައި ތެހެރާނުން ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އީރާންގެ ފެސިލިޓީތަކުގެ މައުލޫމާތު ނުލިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެ ގޮތުން އެންމެފަހުން މައުލޫމާތު ލިބުނުއިރު ޔުރޭނިއަމް މުއްސަނދި ކޮށްފައިވަނީ 60 ޕަސެންޓާ ހަމައަށް ކަމަށާއި އެއީ މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ފެސިލިޓީތަކަށް ހަމަލާ ދިނުމާ ހަމައަށް ކަމަށް ރަފައެލް ވިދާޅުވި އެވެ.
އެންމެފަހުގެ ރިޕޯޓް ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމަށް ނިންމުމަށާއި އިންސްޕެކްޓަރުން ބޭނުންވާ މައުލޫމާތާއި އެކްސެސް ފޯރުކޮށްދިނުމަށް އީރާނަށް ގޮވާލާފައިވާއިރު އެ ގައުމުން ވަނީ އެ ފިޔަވަޅާ ދެކޮޅު ހަދައި، އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށް ބުނެފަ އެވެ.




