އަޅުގަނޑާއި ރައީސް ސޯލިހާއި ދެމީހުންގެ ތާއީދު ބޮޑީ ކާކަށްތޯ ބަލަން ވޯޓެއް ނަގަންޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު ޕާޓީގެ ތެރޭގައި ތާއީދު ބޮޑީ ކާކަށްތޯ ބަލަން ވޯޓެއް ނަގަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ކުރިންވެސް ތާވަލުކޮށްފައިވާ ގޮތަށް ބާއްވަން ޖެހޭނެ ކަމަށާއި، އެ އިންތިޚާބު ފަސްކޮށްފި ނަމަ ކަންކަން އިތުރަށް ގޯސްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ޕާޓީގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތަކަށް ނިމުމެއް ގެނައުމަށް ވޯޓަކަށް ދިއުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.

ޕާޓީގެ ތެރޭގައި އޮތް ތާއީދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މެދު ހިތްހަމަނުޖެހޭ ބަޔަކާއި، ހަމަ އެގޮތަށް އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބި ކަމަށެވެ. އެހެންކަމުން، އެންމެ ގިނަ ބައެއްގެ ތާއީދު އޮތީ ކާކަށްތޯ ބެލުމަށް ވޯޓެއް ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑާއި ރައީސް ޞާލިހާއި އެކުގައި އުޅެފަ ފޮޓޯއެއް ނަގާފަ، އަނެއްކާ ވެސް ދުވަސްކޮޅެއް ފަހުން ހަމަ ކުރީގެ ގޮތަށް ކަންކަން ހިނގަމުންދާނީ، އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިގޮތަށް ކަންކަން މިގޮތަށް ދިއުމުން އުފެދެނީ ހިތްހަމަނުޖެހުން ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ އިންތިޚާބު ފަސްނުކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސްއެޅޭ ކަމަށް ބުނެ، ޗެއާޕާސަންގެ އިންތިޚާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ޣަފޫރު ވިދާޅުވެފައިވަނީ މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ، އިންތިޚާބު ބާއްވާނެ މާލީ ތަނަވަސްކަން ޕާޓީގައި ނެތް ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު ބާރުއަޅުއްވަނީ މާލީ ދަތިތަކާއެކުވެސް އިންތިޚާބު ބާއްވައިގެން ޕާޓީގެ އެތެރޭގެ ކަންކަން ހައްލުކޮށް ކަންކަން ސާފުކުރުމަށެވެ. އެމަނިކުފާނު ދެކިލައްވާ ގޮތުގައި ޕާޓީގެ ކުރިމަގު ބިނާވެފައިވަނީ މިފަދަ ނިންމުންތަކުގެ މައްޗަށެވެ.

ޗެއާޕާސަން ހޮވުމަށް ބާއްވަން ތާވަލް ކޮށްފައިވާ އިންތިޚާބުގެ ތާރީޚު ފަސްކުރުމާއި ދެކޮޅަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައިއެވެ.

މިކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މީކާއީލް ވިދާޅުވެފައިވަނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށާއި، ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

“ޕާޓީގެ ޗެއާޕާސަން އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދަންޖެހޭ،” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބު ލަސްކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އޭނާއާއި އޭނާގެ ޓީމު އޮތީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. މި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ވެސް ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *