ޗައިނާ ފަތުރުވެރިންގެ އަދަދު 14.7 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 14.7 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 247،248 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ ޗައިނާގެ 215،388 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 18.5 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.

ޗައިނާގެ އިތުރު ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

ރަޝިއާއިން މި އަހަރު 196،894 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 166،496 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބައެއް ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ބައެއް ގައުމުތައް – އޮގަސްޓް 16ގެ ނިޔަލަށް

  • އިނގިރޭސިވިލާތް – 2026: 105،081| 2025: 128،786
  • އިޓަލީ – 2026: 87،595 | 2025: 100،557
  • ޖަރުމަނު – 2026: 82،194 | 2025: 96،902
  • އިންޑިއާ – 2026: 76،283 | 2025: 79،972
  • ފްރާންސް – 2026: 33،774 | 2025: 39،669
  • އެމެރިކާ – 2026: 32،770| 2025: 41،735
  • ސްވިޓްޒަލޭންޑް – 2026: 24،710 | 2025: 26،070

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 179 ރިސޯޓާއި 950 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73.4 ޕަސެންޓް — 982،868 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 298،080 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 31،723 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 25،091 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *