ޓީޓީއަށް ޑޮލަރު ފޯރުކޮށްދޭން މުދާ އިމްޕޯޓްކުރާކަން ކަށަވަރު ކުރަނީ

މުދާ އިމްޕޯޓްކުރުމަށް ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް ގެންނަކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއެކު ވެރިފިކޭޝަން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިއީ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ ފޯރުކޮށް ދެވެނީ އެންމެ އެކަށީގެންވާ ފަރާތްތަކަށްކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތެކެވެ.

އެ ގޮތުން ރާއްޖެއަށް ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެފަދަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މުދާ އިމްޕޯޓްކުރުމާ ގުޅޭ ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް ގެންނަކަން ކަށަވަރުކުރުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ގާއިމުކުރާ ވެރިފިކޭޝަން ސިސްޓަމް މި މަސް ނިމުމުގެ ކުރިން ލައިވް ކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *