ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދިރާސާތަކާއި މަޝްވަރާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.
ޑޮލަރު މައްސަލައިގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ބޭފުޅުން އެކި ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް އިގުތިސޯދީ ހާލަތު ރަނގަޅުކޮށް ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދަނީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިސޯދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު މައްސަލައިގައި ސަރުކާރުން ފިޔަވަޅު ފިޔަވަޅު އަޅައި ގާނޫނުތަކަށް އިސްލާހު ގެންނަނީ އެކަމުގައި މަޝްވަރާތައްކޮށް ޓެކްނިކަލް އިވެލުއޭޝަންތަކާއި ދިރާސާތައް އަދި އެހެން ގައުމުތަކުގައި އެކަން ކޮށްފައިވާ ގޮތް ބެލުމަށްފަހު އެވެ.




