ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ސްޓޭޓްފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބޭސް އެތެރެކުރަން ސްޓޭޓް ފާމަސޫޓިކަލް އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ ގޮތުން ބޭސް އެތެރެ ކުރުމަށް ސްޓޭޓްފާމާ އިން ވަނީ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ސްޓޭޓް ފާމަސޫޓިކަލް އިން ވަނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505″ ތައާރަފުކޮށްފަ އެވެ.




