އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ދެކުނުގެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ރަސްމީކޮށް ހުޅުވައިފި އެވެ.

މި ބިލްޑިން ރަސްމީކޮށް ހުޅުވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

ފުލުހުން ބުނި ގޮތުގައި ތިން ފަންގިފިލާގެ މި އިމާރާތަކީ 40 މީހުންގެ ޖާގައިގެ އިމާރާތެކެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީ އާއި ދެކުނުގެ ސަރަހައްދުގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ހިންގުނު މަޝްރޫއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ހިދުމަތްތަކަށް ހާއްސަ ބައިތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ހާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ހިމެނެ އެވެ. އަދި މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާ އެކުގައެވެ.

މި މަޝްރޫއުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފްރާސްޓްރަކްޗާ އެންޑް ބިލްޑިން ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކޮށްފައިވާއިރު، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 8، 2023 ގަ އެވެ. ޖެނުއަރީ 15، 2023 ގައި ސައިޓް ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ފެބްރުއަރީ 14، 2023 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *