ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތުގެ ދަށުން ހިޔާގެ ބައެއް ފްލެޓްތަކުގެ ކުޑަދޮރުގައި ވަނީ ގްރިލް ހަރުކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ މަތިން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެހާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ނިންމާ އެކަމުގައިި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ގޫގުލް ފޯމް މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ އިމާރާތްތަކުގެ ކުޑަ ދޮރުތަކާއި ބެލްކަނީ ރެއިލިން ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތު ކުރުމަށް އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދެނީ އެޗްޑީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުންނެވެ.
އެޗްޑީސީން ބުނީ މަރާމާތު ކުރުމަށް އެދި އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.




